މާތާގެ ޖާދުލާ އެކު ބްރެޒިލުން ކޮޕާ އެމެރިކާ ކާމިޔާބުކޮށްފި

މިހާރު

3 އޯގަސްޓު 2025 | އާދިއްތަ | 1:19

ކުއިތޯ، އެކުއެޑޯ (އޮގަސްޓް 3) - ކޮލަމްބިއާ އަތުން ބަލިވާން ދަނިކޮށް، ލެޖެންޑް މާތާގެ މޮޅު ގޯލްތަކާ އެކު 4-4 އިން ނަތީޖާ ހަމަހަމަކޮށް، ޕެނަލްޓީ ޝޫޓައުޓްގައި 5-4 އިން ކުރި ހޯދައިގެން ނުވަ ވަނަ ފަހަރަށް އަންހެނުންގެ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ބްރެޒިލް ހޯދައިފި އެވެ.

އުމުރުން 39 އަހަރުގެ މާތާ މެޗުގައި ކުޅެން އެރީ 83 ވަނަ މިނިޓުގައި 2-2 އިން އެއްވަރު ވެފައިވަނިކޮށެވެ. އޭގެ ފަސްވަރަކަށް މިނިޓު ފަހުން ޗެލްސީއަށް ކުޅޭ މައިރާ ރަމިރޭޒް ކޮލަމްބިއާ އަށް ލީޑު ނަގައިދިން ނަމަވެސް، މާތާ ވަނީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގައި ގޯލު ޖަހައިގެން ބްރެޒިލަށް އެއްވަރު ކޮށްދީފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މާތާ އިތުރު ލަނޑެއް ޖަހައި ބްރެޒިލަށް ކުރި ހޯދައިދިން ނަމަވެސް ޕެނަލްޓީ ޖަހަން ޖެހުނީ ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ލެއިސީ ސަންޓޯސް ކޮލަމްބިއާ އަށް އެއްވަރު ކޮށްދިނުމުންނެވެ.

މައުޟޫޢުތަށް