ހުޅުމާލޭ ބިން އަލުން ހޯދަން އެފްއޭއެމުން މަޝްވަރާ އަށް
މިހާރު
4 އޯގަސްޓު 2025 | ހޯމަ | 12:45
ފުޓްބޯޅަ ސްކޫލެއް އިމާރާތްކޮށް ހިންގަން ހުޅުމާލެ އިން އެފްއޭއެމަށް ދިން ބިން އަނބުރާ ހޯދަން ސަރުކާރާއި އެޗްޑީސީއާ އެކު މަޝްވަރާ އަށް ވަޑައިގެންނަވާނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ފޭސް އެކަކުން އެފްއޭއެމަށް ބިން ދިނީ އިޖުތިމާއީ މަޝްރޫއެއް ހިންގާތީ އެއްވެސް ކުއްޔަކާ ނުލަ އެވެ. އެކަމަކު އެ ބިމުން ބައެއް ވިޔާފާރީގެ ގޮތުގައި ބޭނުން ކުރަން އެފްއޭއެމުން ބޭނުންވުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެޗްޑީސީން އެއްބަސްވުން ބަދަލުކޮށްދީ ވިޔާފާރި އުސޫލުން ވެސް ބޭނުން ކުރުމުގެ ހުއްދަ އެފްއޭއެމަށް ދިނެވެ. އަދި އެއްބަސްވުން ބަދަލު ގެނައި ހިސާބުން ކުލި ދައްކަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމްގެ މައްޗަށް ޝަރުތު ކުރި އެވެ.
އެފްއޭއެމުން ކުލި ނުދައްކާތީ އެޗްޑީސީން އެކި މަރުހަލާތަކުގެ މަތިން ނޯޓިސް ވެސް ދިނެވެ. ފަހުން ބިން އަތުލާނެކަމުގެ އިންޒާރާ އެކު އެ ތަނުގައި ރެޑް ނޯޓިހެއް ވެސް ހަރުކުރުމުން ވެސް އެފްއޭއެމުން ކުއްޔެއް ނުދެއްކި އެވެ. އޭގެ ފަހުން އެފްއޭއެމާ އެކު ހެދި އެއްބަސްވުން ބާތިލުކޮށް އެޗްޑީސީ އިން ބިން އަތުލި އެވެ. އަދި އެ ބިމުން ކުއްޔަށް ދީފައިވާ ސަރަހައްދު ހުސްކުރަން އެފްއޭއެމަށް އެންގި އެވެ.