އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ
މިހާރު
4 އޯގަސްޓު 2025 | ހޯމަ | 3:37
އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ދެ ބުރީގެ އިމާރާތް ހުރި ތަނުގައި ކްލާސްރޫމުތައް ހިމެނޭ އާ އިމާރާތެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މީގެ 64 އަހަރު ކުރިން އިމާރާތްކުރި އިސްކަންދަރު ސްކޫލްގެ މައި ދޮރާށި ކައިރި ހުރި އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ މާހިރުން ސާވޭ ހެދުމަށް ފަހު އެންގި އެވެ. ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައިވުމުން، އެ އިމާރާތް ބޭނުން ނުކުރާތާ 8 އަހަރަށް ފަހު މިދިޔަ ޖޫން މަހު ވަނީ ތަޅާލައިފަ އެވެ.
އޭގެ ފަހުން އެ ސްކޫލުގެ ބައެއް ބެލެނިވެރިން ބޭނުންވީ އެ ބިމަކީ ކުދިން ކުޅޭނެ "ޕްލޭ ގްރައުންޑް" އެއްގެ ގޮތުގައި ބޭއްވުމަށެވެ. އެހެންވެ، މިނިސްޓްރީން ބެލެނިވެރިންނާ ވާހަކަ ދެއްކުމަށް ފަހު އެންމެ ރަނގަޅު ގޮތެއް ކަމަށް ނިންމީ މިހާރު ހުސްކޮށް އޮތް އެ ބިމުގައި އާ ކްލާސްރޫމު ބަރިއެއް ހެދުމަށެވެ.