ލީގު ނުފަށާތީ ބެންގަލޫރުން މުސާރަ ދިނުން މެދުކަނޑާލައިފި
މިހާރު
5 އޯގަސްޓު 2025 | އަންގާރަ | 9:07
އިންޑިއާގެ ލެޖެންޑަރީ ފޯވާޑް ސުނިލް ޗެތުރީ ކުޅެމުން އަންނަ ބެންގަލޫރު އެފްސީން، ކުޅުންތެރިންނާއި މުވައްޒަފުންނަށް މުސާރަ ދިނުން މެދުކަނޑާލައިފި އެވެ.
އެ ކްލަބުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިގޮތަށް ނިންމީ އިންޑިއާގެ ޑޮމެސްޓިކް ފުޓްބޯޅަ ހުއްޓިފައި އޮތުމުގެ ސަބަބުން ކަމަށެވެ.
އިންޑިއާގެ ސުޕަ ލީގުގެ އާ ސީޒަން ފަށާނެ ތާރީހެއް އަދި ވެސް އިއުލާންކޮށްފައި ނުވާތީ ކްލަބްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މުބާރާތް ހުއްޓިފައި އޮތީ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާއި ލީގު އިންތިޒާމުކުރާ ރިލަޔަންސް ކޯޕަރޭޝަނުގެ ފުޓްބޯލް ސްޕޯޓްސް ޑިވެލޮޕަމަންޓް ލިމިޓެޑާ މެދު ހިޔާލުތަފާތުވުން އުފެދިގެންނެވެ.