ޓޫރިޒަމްގެ ބޭނުމަށް ދެން އިޝްތިހާރު ކުރެވޭނީ ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން އެކަނި
މިހާރު
5 އޯގަސްޓު 2025 | އަންގާރަ | 9:16
ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަން ހާއްސަ ގަވާއިދެއްގެ އިމުގެ ތެރޭގައި އިޝްތިހާރު ކުރެވޭނެ ގޮތް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައި އެ ގަވާއިދު އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ރޭ އާންމުކުރި ގަވާއިދުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ބޭރު ދުނިޔެ އަށް ރާއްޖެ އިޝްތިހާރު ކުރާއިރު، ތެދު އަދި ފުށުއެރުމެއް ނެތް މައުލޫމާތު ދޭކަން ކަށަވަރު ކުރުމާއި ޓޫރިޒަމްގެ މިންގަނޑުތަކުގެ ތެރޭގައި ޒިންމާދާރުކަމާ އެކު އިޝްތިހާރު ކުރުން ކަމަށެވެ.
އަދި ޑިޖިޓަލް މީޑިއާ އާއި އެކިއެކި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޓޫރިސްޓުންނަށް އޮޅުވާލައި، އެ މީހުންގެ ފައިސާ ނަހަމަ ގޮތުގައި ހޯދުމަށް މަސައްކަތްކުރުން ފަދަ ކަންތައްތަކުން އެ މީހުންނާއި ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ރައްކާތެރި ކުރުމަކީ ވެސް ގަވާއިދުގެ މަގުސަދެއް ކަމަށް ބަޔާން ކޮށްފައި ވެ އެވެ.