ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ނޫން އިތުރު ކަމެއް ދެން ނުކުރެވޭނެ: އެމްޑީޕީ
މިހާރު
5 އޯގަސްޓު 2025 | އަންގާރަ | 3:04
ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލުގެ ސަބަބުން ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާރު (ފިއްޓެ) ވިދާޅުވީ، މި ސަރުކާރު އައި ފަހުން ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ލާމަރުކަޒީ ގާނޫނަށް މީގެ ކުރިން ވެސް އެތައް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިހާރު ގެންނަން އުޅޭ ބަދަލާއެކު ކައުންސިލްތަކުގެ ބާރު އެއްކޮށް ކެނޑޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިއްޓެ ވިދާޅުވީ ކައުންސިލަރެއްގެ މަގާމު ހުސްވެއްޖެ ނަމަ ދެން އަންނަ ކައުންސިލް އިންތިހާބު ބާއްވަން 18 މަސްދުވަހަށް ވުރެ ކުރު މުއްދަތެއް އޮވެއްޖެ ނަމަ ބައި-އިލެކްޝަން ނުބޭއްވޭ ގޮތަށް ހަދައި، އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅަން ދިން ބާރު ވެސް ސީދާ ރައީސްގެ ބާރުގެ ދަށަށް ގެންގޮސް، މިހާރު އުޅެނީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަމާއި މިނިވަންކަން ވެސް ކަނޑުވާލަން ކަމަށެވެ.