މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް 25 އަހަރަށް ފަހު ބޮޑުކޮށްފި
މިހާރު
5 އޯގަސްޓު 2025 | އަންގާރަ | 10:43
ޖަލުތަކުގައި ތިބޭ ގައިދީން ކުރާ މަސައްކަތަށްދޭ އެލަވަންސް 25 އަހަރު ފަހުން ބޮޑުކޮށްފި އެވެ.
ގައިދީން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 30ރ. ދޭ ގޮތަށް 2000 ވަނަ އަހަރު ހަމަޖެއްސި ފަހުން މިދިޔަ 25 އަހަރު ހުރިހާ ގައިދީންނަށް ވެސް އުޖޫރަ ދެމުން އައީ އެ މިންގަނޑުންނެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ ގައިދީންނާއި ބަންދުގައި ތިބޭ މީހުން ކުރާ މަސައްކަތަށް ދޭ އެލަވަންސް މިދިޔަ މަހު 16 އިން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ދުވާލަކަށް ދޭ އެންމެ ދަށް އަދަދަކީ 50ރ. ކަމަށެވެ.