ފެންނަނީ މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުހައްގު މުއްސަނދިކަން ހޯދާ ތަން: ނާޒިމް
މިހާރު
6 އޯގަސްޓު 2025 | ބުދަ | 11:10
ފެންނަމުން ދަނީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް ނުހައްގު މުއްސަނދިކަން ހޯދައި، އެ މުއްސަނދިކަން ފޮރުވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ނުހައްގު މުއްސަނދިކަން އެކި ފަށަލަތަކަށް ބަހައި، އާއިލާގެ މެމްބަރުންނަށް ވެސް އެ މުއްސަނދިކަން ފަތުރަމުންދާ ކަމަށެވެ.