ރިސޯޓްތަކުގެ ކުއްޔަށް ގިނަ ލުއިތައް ދޭތީ ކުލި ނުދައްކަން ހިތްވަރު ލިބޭ: އޮޑިޓާ ޖެނެރަލް
މިހާރު
7 އޯގަސްޓު 2025 | ބުރާސްފަތި | 4:44
ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ގިނަ ލުއިތަކެއް ދީ އަދި ކުލީގެ ޖޫރިމަނާ މައާފްކޮށް ދޭތީ ރިސޯޓްތަކުގެ ކުލި ނުދައްކަން ހިތްވަރު ލިބޭ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރިސޯޓްތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާތައް މައާފު ކުރުމުގައި ކުލި ދައްކާ ފަރާތްތަކާއި ކުލި ނުދައްކާ ފަރާތްތަކާ ދެމެދު އެއްވެސް ފަރަގެއް ނެތް ކަމަށެވެ. އަދި ގަވާއިދަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ޖޫރިމަނާ މައާފު ކުރަމުން ގެންދިއުމަކީ ވެސް ކުލި ނުދައްކާ ފަރާތްތަކުން ކުލި ނުދައްކަން އިތުރަށް ދެވޭ ހިތްވަރެއް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ނުލިބި ހުއްޓެވެ. އެއީ އެހާތަނަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ 45 ޕަސެންޓެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ރިސޯޓު ކުލީގެ ގޮތުގައި ލިބެންޖެހޭ އަދަދު 38 ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.