ޣައްޒާގައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުން ނިންމުމުން ރައީސް ކުށްވެރިކުރައްވައިފި
މިހާރު
8 އޯގަސްޓު 2025 | ހުކުރު | 4:55
ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކަން ކުށްވެރިކުރައްވައިފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް އިޒްރޭލުގެ އިދާރާތަކުން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ މިނިވަންކަން އެކަމުގެ ސަބަބުން އެއްކޮށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިޒްރޭލުގެ އެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހި އަދި އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ވެސް އިތުރަށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.