ޣައްޒާގައި ބޭނުންކުރާ ހަތިޔާރު އިޒްރޭލަށް ވިއްކުން ޖަރުމަނުން ހުއްޓާލަނީ
މިހާރު
9 އޯގަސްޓު 2025 | ހޮނިހިރު | 7:13
ޣައްޒާގައި ބޭނުންކުރެވޭނެ އަސްކަރީ އާލާތްތައް އިޒްރޭލަށް އެކްސްޕޯޓްކުރުން ހުއްޓާލާނެ ކަމަށް ޗާންސެލަރު ފްރެޑްރިކް މާޒް އިއުލާނުކުރައްވައިފި އެވެ.
މި ނިންމުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއީ "ހަމާސް އަށް ދިން އިނާމެއް" ކަމަށް ސިފަކޮށް ފާޑު ކިޔައިފަ އެވެ.
ޣައްޒާ ސިޓީ އިޒްރޭލު އަސްކަރިއްޔާގެ ދަށަށް ގެންދިއުމުގެ ޕްލޭން ފާސްކުރުމާ އެކު ޖަރުމަނުން މި ފިޔަވަޅު އެޅި އިރު ޖަރުމަނަކީ އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކޮށް ދިފާއުކޮށްދޭ ގައުމުތަކުގެ ތެރޭގައި އަބަދުވެސް އޮންނަ ގައުމެކެވެ. އެހެންވެ މި ނިންމުން ބެލެވިފައިވަނީ ޖަރުމަނުގެ ސިޔާސަތަށް އައި ބޮޑު ބަދަލަކަށެވެ.