ތުރުކީން ހަދިޔާކުރާ މަނަވަރު ރާއްޖެ ގެނެސްފި
މިހާރު
9 އޯގަސްޓު 2025 | ހޮނިހިރު | 3:16
ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ތުރުކީ ސަރުކާރުން ހަދިޔާކުރާ އަސްކަރީ މަނަވަރު މިއަދު ރާއްޖެ ގެނެސްފި އެވެ.
އެނގިފައިވާ ގޮތުގައި، ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގަ އެވެ. އަދި އަންނަ ހަފުތާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެ މަނަވަރު އިފްތިތާހު ކުރާނެ ކަމަށްވެ އެވެ.
ދިވެހި ސިފައިންގެ ދިގު ތާރީހުގައި ބޭނުންކުރަން ފަށާ މި މަނަވަރު ތުރުކީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މަގުސަދަކީ ވަސީލަތްތަކާއި ތަމްރީނުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރު ކުރުމެވެ.