ޖަލަށް މަނާތަކެތި ވެއްދި ކަމަށް ތުހުމަތުވާ އޮފިސަރުން ސަސްޕެންޝަންގައި ތިބޭތާ އެއް އަހަރު
މިހާރު
10 އޯގަސްޓު 2025 | އާދިއްތަ | 5:03
މާފުށީ ޖަލަށް ވަގަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެތައް މިލިއަން ރުފިޔާއެއް ހޯދި ކަމަށް ތުހުމަތުވާ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަދިވެސް ތިބީ ސަސްޕެންޝަންގައި ކަމަށް ކަރެކްޝަންސްއިން ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކިފަހަރު މަތިން ހޯދި ކަމަށް ތުހުމަތުކޮށް ކަރެކްޝަންސްގެ 18 އޮފިސަރަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ދައުވާކުރަން ފޮނުވީ 13 މީހެއްގެ މައްޗަށެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށެވެ. އެއީ ރ. އުނގޫފާރު އައިވަރީހައުސް ޖިނާހް އަބްދުއްރަހީމާއި މ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށީ ބީޗްހައުސް އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށެވެ.