އަދީބުގެ އެއް މިލިއަންގެ ޖޫރިމަނާ ދައުލަތަށް އަދިވެސް ނުލިބޭތީ ކޯޓަށް
މިހާރު
11 އޯގަސްޓު 2025 | ހޯމަ | 12:50
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭތީ އެ ހުކުމް ތަންފީޒުކުރަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަނާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ.
އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދީބު ދެއްކި ނަމަވެސް ބާކީ އޮތް އެއް މިލިއަން ރުފިޔާ ނުދައްކާތީ އެ މައްސަލަ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން މިދިޔަ ޖެނުއަރީ މަހު ކޯޓުން ހުކުމްކުރި އެވެ.