ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށް ނިންމަންޖެހޭ މުއްދަތު ދަންމާލަން ފާސްކޮށްފި
މިހާރު
11 އޯގަސްޓު 2025 | ހޯމަ | 12:05
ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިންމަން ގާނޫނުން ކަނޑައަޅާފައިވާ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފެށި ފެނާއި ނަރުދަމާގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހޭނެ އެވެ. އެ މުއްދަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަމަވެފައިވާއިރު، އަދިވެސް ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ގިނަ މަޝްރޫއުތަކެއް ހިނގަމުން ވެސް ދެ އެވެ.
އެހެންވެ، ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އެ މުއްދަތު 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރަން ހުށަހަޅުއްވައިފަ އެވެ. އެ ބިލް ކޮމިޓީން ދިރާސާކޮށް، މިއަދު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ.