ހިއްކި ބިންތަކުގައި ޔުޓިލިޓީގެ ހިދުމަތް ގާއިމްކޮށްދޭން ބަޖެޓުގައި ހާއްސަ މަޝްރޫއެއް

މިހާރު

11 އޯގަސްޓު 2025 | ހޯމަ | 11:25

އެކި ރަށްރަށުން ގޯތި ދިނުމުގެ ބޭނުމުގައި އެކި ދުވަސްވަރު ހިއްކާފައިވާ އެކަމަކު އެއްވެސް ބޭނުމެއް ނުކޮށް ހުރި ބިންތައް ތަރައްގީ ކުރުމަށްޓަކައި ޔުޓިލިޓީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހާއްސަ މަޝްރޫއެއް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ހިއްކި ބިން ވެސް އޮތީ ނަމެއްގައި ހިއްކާފައި ކަމަށާއި ކަރަންޓާއި ފެނާއި މަގުތައް ހެދޭނެ ގޮތެއް ނެތި ކުރިއެރުން ހުއްޓިފައިވާ ކަމަށެވެ. އޭދަފުށީގެ އިތުރުން ވެސް މި ގޮތަށް ހިއްކި ބިން ތަރައްގީ ކުރެވޭނެ ގޮތެއް ނެތް އެތައް ރަށެއް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓު މި ހަދަނީ މިކަމަށް ހާއްސަ ޕްރޮގްރާމެއް ހިމަނައިގެން. މި އަންނަ އަހަރުގެ ބަޖެޓު ހަދާއިރުގައި ހާއްސަ ނިއު ޕޮލިސިޓީ އިނިޝިއޭޓިވް ޕްރޮގްރާމެއް އެބަ ހިމަނަން ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީސް ގާއިމް ކޮށްދިނުމާއި އިންފްރާސްޓްރަކްޗާ ގާއިމް ކޮށްދޭން. އޭގެ ތެރޭގައި އެންމެ އިސްކަންދޭނީ އާބާދީ އާއި ތަރައްގީ އެއްފަސްކުރެވޭނެ ރަށްތަކަށް. ދެން އާބާދީ ބޮޑެތި ރަށްތަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް