ހިޔާ ފްލެޓާއި ގޯއްޗެއް ލިބުމުން އަތުލި ސިފްކޯ ފްލެޓް ހަވާލުކުރަން ހުކުމްކޮށްފި
މިހާރު
12 އޯގަސްޓު 2025 | އަންގާރަ | 2:47
ސިފްކޯ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި އޮއްވައި ހިޔާ މަޝްރޫއުން ފްލެޓެއްގެ އިތުރުން ގޯއްޗެއް ވެސް ލިބުނު މީހަކަށް ސިފްކޯ ފްލެޓް ނުދޭން ނިންމި ނިންމުން ސިވިލް ކޯޓުން އިއްޔެ ބާތިލްކޮށް، އެއީ ސިފްކޯ ފްލެޓް ހައްގުވާ މީހެއްގެ ގޮތުގައި ބެލުމަށް ހުކުމްކޮށްފި އެވެ.
މީގެ 10 އަހަރު ކުރިން، 2014 ގައި ވަނީ ސިފްކޯ ފްލެޓްތައް ލިބޭ ސިފައިން ކަނޑައަޅައި، ޑައުންޕޭމަންޓް ދައްކަން އަންގާފައިވެ އެވެ. އެ ފްލެޓްތައް ލިބޭ ސިފައިން ޑައުންޕޭމަންޓްގެ ގޮތުގައި 91،200ރ. ދައްކާފައިވާއިރު، އެ ފްލެޓްތައް ނިމުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ސިފްކޯ ފްލެޓަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، އެ މީހަކަށް ނުވަތަ އެ މީހެއްގެ އަނބިން/ފިރި އަށް އެހެން ބޯހިޔާވަހިކަމެއް ލިބިފައިވާ ނެތުން ހިމެނެ އެވެ. އެކަމަކު ފްލެޓްތައް ނުނިމި ދިގުލައިގެންދިޔަ މުއްދަތުގައި، އެ ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާފައި އޮތް ބައެއް މީހުންނާއި އޭގެ ބައެއް މީހުންގެ އަނބިން/ފިރިން ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވެ އެވެ.