ހަލީލް ވިދާޅުވީ ފަލަސްތީނުގެ ދިފާއުގައި ދުނިޔެ ތެދުވުމުގައި ރާއްޖޭން ދެއްކި ނަމޫނާގެ ދައުރު ބޮޑުކަމަށް
މިހާރު
13 އޯގަސްޓު 2025 | ބުދަ | 12:03
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް، ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަޑުހަރުކޮށް ވަކާލާތުކުރަން ފަށާފައިވާއިރު، އެކަމުގެ މުޅި މޫވްމަންޓު ލީޑުކުރީ ރާއްޖޭން ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން، ފަލަސްތީނާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަސް، ދިވެހި ރައްޔިތުން އެދޭ ގޮތަށް މި ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާ ކަމަށެވެ.
"އޭގެ ނަތީޖާއަކީ، އަރަބި އިސްލާމީ ގައުމުތަކާ އެކު ގުޅުންތައް ބޭއްވުމާއި، އޭގެ އިތުރުން ފަލަސްތީނުގެ ކޯޒްގައި އެންމެ ވަރުގަދައަށް، ކިތަންމެ ކުޑަ ގައުމެއް ވިޔަސް މަސައްކަތްކުރާ ގައުމަކީ ރާއްޖެކަން ބައިނަލްއަގުވާމީ މުޖުތަމައުއިން ބަލައިގަތުން،" ހަލީލް ވިދާޅުވި އެވެ.