ކަނޑުގެ މައްސަލައިން ރާއްޖެ ބޭރުވީ އިބޫ ފޮނުއްވި ސިޓީގެ ސަބަބުން: ހަލީލް

މިހާރު

13 އޯގަސްޓު 2025 | ބުދަ | 2:28

ޗާގޯސް އާއި ކަނޑުގެ ސަރަހައްދުގެ މައްސަލައިން ރާއްޖެ ބޭރުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މޮރިޝަސްގެ ބޮޑުވަޒީރަށް އޭރު ފޮނުއްވި ސިޓީގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށް ފަހު އެ ސްޓޭންޑް ބަދަލުކޮށް، 2021 ވަނަ އަހަރު އިބޫ ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އިބޫ އެ ސިޓީފުޅު ފޮނުއްވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމުން އެ މައްސަލަ ބެލޭނެ ކަމަށް އިޓްލޮސް އިން ކަނޑައެޅި ފަހުންނެވެ. އޭގެ ކުރިން ރާއްޖޭން ވަކާލާތުކުރަމުން ދިޔައީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައި އޮއްވައި އިޓްލޮސް އަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެވެ.

އެކަމަކު ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ދަ ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އިސްތިޝާރީ ލަފަޔަށް ބުރަވެ އިޓްލޮސް އިން މައްސަލަ ކުރިއަށް ގެންދަން ނިންމައި އިން ވަކިކުރީ އެވެ.

މައުޟޫޢުތަށް