ސްވިޑެންގެ މި ޑޮކްޓަރު ދިވެހިންނަށް މި ގެނެސްދިނީ ސްޕޯޓްސް އިންޖަރީގެ ދުނިޔޭގެ ފެންވަރުގެ ފަރުވާ
މިހާރު
14 އޯގަސްޓު 2025 | ބުރާސްފަތި | 3:26
ކުޅިވަރަކީ ދިވެހީންގެ ދިރިއުޅުމުގެ މުހިއްމު ބައެކެވެ. އެއީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫނެވެ. އަދި ހަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުމަށް ކުރާ ކަމެއް އެކަންޏެއް ވެސް ނޫނެވެ. ކުޅިވަރަކީ ދިވެހިންގެ ލެޔާ ގުޅިލާމެހިފައިވާ ކަމެކެވެ. ފަތިހުން ފެށިގެން ރޭގަނޑުގެ ލަސްގަޑިތަކާ ހަމައަށް، އެތައް ބަޔަކު ދުވުމާއި ކަސްރަތުކުރުމުގައި އުޅެއެވެ.
މާލެ އާއި ރަށްރަށުގައި ފުޓްސަލް ދަނޑުތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑެވެ. ބެޑްމިންޓަން ކޯޓުތަކުން ޖާގަ ހޯދުމަކީ ވެސް އުނދަގޫ ކަމަކަށް ވެފައިވެ އެވެ. ކޯޓެއް ނެތިއްޔާ ދެ ރުށް ދޭތެރޭގައި ނެޓެއް ދަމާލައިގެން ވޮލީބޯޅަ ކުޅެލުން ނުވަތަ އަތިރިމަތީގައި ފުޓްބޯޅަ ކުޅެލުމަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އާއްމު ކަމެކެވެ.
ކުޅިވަރާއި ކަސްރަތަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މުހިއްމު ކަމެއް ނަމަވެސް މިއީ ރަނގަޅަށް ނުކުރެވިއްޖެ ނަމަަ އަދި ބައެއް ފަހަރު ރަނގަޅަށް ކުރި ނަމަވެސް ހާނިއްކަވުމުގެ ފުރުސަތު އޮތް ކަންކަމެވެ. މިފަދަ ހާލަތްތަކުގައި އެކަށީގެންވާ ފަރުވާއެއް ނުލިބިއްޖެ ނަމަ ނުވަތަ އަޅާނުލެވިއްޖެ ނަމަ އަލުން ކުޅިވަރުގެ މައިދާނަށް ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ.