ލައިވް ކޮމިޓީގައި މިގޮތަށް މީހުން ހަވަރަށް ދިނުން މައްސަލައެއް ނޫން؟

މިހާރު

21 އޯގަސްޓު 2025 | ބުރާސްފަތި | 10:52

ރައްޔިތުންގެ މަޖިލިހަކީ މީހެއްގެ އަބުރު ދުއްވާލަން ބޭނުން ނަމަ އެންމެ ފަސޭހައިން އެކަން ކުރެވިދާނެ އެއް މާލަމެވެ. ރައްދުވާ މީހެއް ނެތި އެ ވާހަކަ ދައްކަވާ ބޭފުޅަކު ލައިވް ޖަލްސާއެއް ނުވަތަ ލައިވް ބައްދަލުވުމެއްގައި ބޭނުން އެއްޗެއް ވިދާޅުވާންވީ އެވެ. އެ ވާހަކައެއްގެ އަނެއްކޮޅުގައި ރައްދު ދެވޭނެ ގޮތެއް ނެތި ހުރި މީހާ ހަވަރަށް ދޭންވީ އެވެ. ދާދި ފަހުން މަޖިލިހުގެ ކޮމިޓީއެއްގައި ހިނގި މި ޒާތުގެ ކަމެކެވެ.

މީހެއްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ދިވެހި މުޖުތަމައު އިންތިހާ އަށް އެކަމާ ދެކޮޅަށް އަޑުއުފުލައި ވަކާލާތުކުރާ ކަމެކެވެ. ގެވެށި އަނިޔާގެ "ލޭބަލް" އެޅިއްޖެ ނަމަ އެއީ ފަސޭހައިން ނެއްޓޭ ލޭބަލެއް ނޫނެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި މުހައްމަދު ފާރިސް ތޯހާގެ ނަން މަދު ވަގުތުކޮޅެއްގެ ތެރޭގައި ކިލަނބު ކޮށްލީ މަޖިލިހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ލައިވްކޮށް ގެނެސްދިން އިންޓަވިއު ބައްދަލުވުމުގަ އެވެ. އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ގުޅޭ ގޮތުން ޝަކުވާ ނުވަތަ މައްސަލައެއް އޮތް ނަމަ ހުށަހަޅަން ހުޅުވައިލި ފުރުސަތުގައި ގެވެށި އަނިޔާގެ ތުހުމަތުގެ އިނގިލި ފާރިސް އަށް ދިއްކުރި އެވެ.

މައުޟޫޢުތަށް