ރައްކާތެރި ގޮތުގައި ފަހަށް ރައްކާކުރުން: ބޮންޑް އަދި ސުކޫކު
މިހާރު
19 އޯގަސްޓު 2025 | އަންގާރަ | 9:21
ކިޔެވުން، ޗުއްޓީ ހޭދަކުރުން، ރިޓަޔާކުރުން ނުވަތަ އިމަޖަންސީ ފަދަ ކަންކަމަށް ކޮންމެ މީހަކު ވެސް އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ލިބޭ އާމްދަނީއިން ފައިސާ ފަހަށް ރައްކާކުރެ އެވެ. ފަހަށް ފައިސާ ރައްކާކުރާ ފައިސާއިން ފައިދާއެއް ކުރާނީ ރަނގަޅު ސްޓްރެޓަޖީއެށް އޮވެގެންނެވެ. ފަސްޓް ނެޝަނަލްގެ އަމާޒަކީ ފަހަށް ރައްކާކުރުމަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ކަމާ ބެހޭ މައުލޫމާތު އާންމުންނާ ހިއްސާ ކުރުމެވެ. މިގޮތުން މި ލިޔުމުގައި ބަލައިލާނީ ފަހަށް ރައްކާކުރުމަށް މާލީ ބާޒާރުގައި ހުރި ފުރުސަތުތަކުގެ ތެރެއިން ބޮންޑް އަދި ސުކޫކްއަށެވެ.
އިންވެސްޓަރެއްގެ ނަޒަރުން ބަލާއިރު، ބޮންޑަކީ ކުންފުންޏަކަށް ދެވޭ ލޯނެކެވެ. ބޮންޑުގައި އިންވެސްޓް ކުރުމުން، އެއްބަސްވެފައިވާ ޝެޑިއުލެއްގައި ކަނޑައަޅާފައިވާ އިންޓަރެސްޓްއާއެކު ("ކޫޕަން") އިންވެސްޓުކުރި އަދަދު ("ޕްރިންސިޕަލް") އަނބުރާ ލިބެއެވެ. ބޮންޑަކީ އާންމުކޮށް އާމްދަނީ އެއްވަރަކަށް ލިބި، ބޭންކް ޑިޕޮސިޓްތަކަށް ވުރެ ގިނައިން ފައިދާ ލިބޭ އިންވެސްޓްމެންޓްއެކެވެ. ކެޕިޓަލް މާކެޓުން އިންވެސްޓަރުންނަށް އެކި މުއްދަތު ("މެޗުރިޓީ") ތަކުގެ ބޮންޑްގައި އިންވެސްޓްކުރުމުގެ ފުރުސަތު އޮތުމާއެކު، ދުރާލާ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރޭވުންތެރިކަމާއެކު އިންވެސްޓުކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އިންވެސްޓު ކުރާއިރު ތަފާތު ކުންފުނިތަކާއި ސިނާޢަތްތައް ޚިޔާރުކުރަން ފުރުސަތު ލިބޭތީ، އިންވެސްޓުމެންޓުގެ ޖުމްލަ ރިސްކް ދަށް ކުރެވެއެވެ. ބޮންޑް އިންވެސްޓްމަންޓްތަކުގެ އެހީގައި މުދަލުގެ އަގުތައް އުފުލޭއިރު ފައިސާގެ ހަގީގީ އަގު ކޮންމެވެސްވަރަކަށް ހިފަހައްޓަން އެހީތެރިވެއެވެ.
ސުކޫކްއަކީ ޝަރީއާގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން މާލީ ބާޒާރު މެދުވެރިކޮށް ފައިސާ ހޯދުމުގައި ފައިސާ ދޭ ފަރާތާއި ފައިސާ ހޯދާ ފަރާތާއި ދެމެދު ވެފައިވާ އިޤުރާރެކެވެ. ސުކޫކްގައި އިންވެސްޓް ކުރުމުން ބޮންޑް ކޫޕަންތަކާ އެއްގޮތަށް ޝެޑިއުލެއްގައި އާމްދަނީ ލިބެއެވެ. ނަމަވެސް ސުކޫކްގައި އިންޓްރެސްޓްގެ ބަދަލުގައި، އިންވެސްޓްކުރާ ފަރާތަށް ފައިދާ ލިބޭނީ މުދަލެއް ނުވަތަ ޕްރޮޖެކްޓަކުން ލިބޭ އާމދަނީގެ ވަކި މިންވަރެކެވެ.