ރައީސް ވިދާޅުވީ މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް
މިހާރު
19 އޯގަސްޓު 2025 | އަންގާރަ | 11:55
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު، އިންއެފިޝިއެންޓް ނިޒާމެއް ކަމަށާއި ކެބިނެޓުގެ ވަޒީރުންނާއި މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ އެކު ރަށްތަކަށް ދަތުރުކުރައްވަނީ އެކަން ނިމުމަކަށް ގެނެސް މަސައްކަތް ހަލުވިކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާ އެކު ދަތުރު ކުރައްވަނީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.
"އަޅުގަނޑު ރަށްރަށަށް ދަތުރު މި ކުރަނީ މިގޮތަށް، ރައްޔިތުން ބޭނުންވާ ކަންކަން އެއް ބައްދަލުވުމަކުން ނުވަތަ އެއް ދަތުރެއްގެ ތެރެއިން ކިޔައިދީ ކަންކަމަށް ހައްލު ގެނެސްދިނުމަށް،" ރައީސް ވިދާޅުވި އެވެ.