މި ދައުރުގައި ހުރިހާ ވައުދެއް ފުއްދައި ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
މިހާރު
20 އޯގަސްޓު 2025 | ބުދަ | 1:02
ރައްޔިތުންނަށް ވެވަޑައިގަންނަވާ ކޮންމެ ވައުދަކީ އެ މަނިކުފާނުގެ އަމާނާތެއް ކަމަށާއި އެ އިން ކޮންމެ ކަމަކީ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އަދި އޭގެ ފަހުން ވެސް ރައްޔިތުންނަށްޓަކައި ވައުދުތައް ވެވަޑައިގަންނަވަނީ ވެސް އެއީ އަމާނާތެއް ކަން ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ.
"ހުރިހާ ރަށެއްގައި ވެސް އަޅުގަނޑު ވައުދު ވަނީ އެ ބޭނުމުގައި، އެ ނިޔަތުގައި، އެ އަޒުމުގައި. އެ ގޮތަށް މުޅި ސަރުކާރު މަސައްކަތް ކުރަމުން މިދަނީ. ހުރިހާ ވުޒާރާތައް ހުރިހާ ކުންފުނިތައް ހުރިހާ ފަރާތްތައް، ރަށްރަށުގައި މަސައްކަތްކުރާ ފަރާތްތައް ވެސް އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ވެސް ހުރިހާ ފަރާތްތައް ގުޅިގެން މި ކުރަނީ ވައުދު ފުއްދުމުގެ މަސައްކަތް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.