ތެލަސީމިއާ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި، އަނބުރާ މަޖިލީހަށް

މިހާރު

21 އޯގަސްޓު 2025 | ބުރާސްފަތި | 12:01

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި، މަޖިލީހަށް އިއްޔެ އަނބުރާ ފޮނުވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި މަހުގެ ހަވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ތަސްދީގުކުރައްވަން ފޮނުވާފައިވާ ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ފުރަތަމަ އިސްލާހުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވަން ރައީސް ނިންމެވީ، އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަން މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބުމުން ކަމަށެވެ.

ރައީސް އެ ބިލު އަނބުރާ ފޮނުވާލެއްވީ ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ވަށާޖެހިފައިވާ ގައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށް ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާ ވެސް ފުރިހަމަކަމާ އެކު ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކޮށް، ބިލަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް