ކައުންސިލަށް ގެއްލުންވާ ގޮތަށް މާރުކޭޓު އެއްބަސްވުން ހެދި މައްސަލަ އޭސީސީއަށް
މިހާރު
21 އޯގަސްޓު 2025 | ބުރާސްފަތި | 5:56
މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެ ކައުންސިލުގެ ގަލޮޅު އުތުރުގެ ކައުންސިލު މެމްބަރު މުހައްމަދު ސައިފް ފާތިހު ހުށަހަޅުއްވައިފި އެވެ.
ސައިފް ފާތިހު، މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިލުން ވަނީ ބިޑަށް އިއުލާނުކޮށް އިވެލުއޭޓްކޮށް ވަކި ބަޔަކަށް މަސް މާރުކޭޓުގެ މަސައްކަތް ހަވާލުކޮށްފައި ކަމަށެވެ. އެ މަސައްކަތް އޭރު ހަވާލުކޮށްފައި އޮތީ 6.1 މިލިއަން ޑޮލަރަށެވެ.
އެކަމަކު އެމަނިކުފާނު ރައީސް ކަމަށް ހޮވުނު ފަހުން އަދި މޭޔަރު އާޒިމް އެ މަގާމަށް ހަވާލުވުމުގެ ކުރިން ވަނީ އެ އެއްބަސްވުން އުވާލައި މުޅިން އެހެން ކުންފުންޏަކާ އެކު އެއްބަސްވުން ހަދައިފަ އެވެ. އެ އެއްބަސްވުން ހަދާފައި ވަނީ 9.5 މިލިއަން ޑޮލަރަށެވެ. އޮރިޖިނަލް އެއްބަސްވުމުގައިވާ އަގަށް ވުރެ 3.5 މިލިއަން ޑޮލަރު ބޮޑުކޮށް އެހެން ބަޔަކަށް ދީފައިވާ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ލީގަލް އޮފިސަރު ނަސީރެވެ.