ބަދަލުވަނީ މާލޭގެ މޫނުމަތި އެކަންޏެއް ނޫން، "ޓްރެފިކް ސްޓްރެސް" އަށް ވެސް ބޮޑު ލުޔެއް
މިހާރު
22 އޯގަސްޓު 2025 | ހުކުރު | 2:26
އެމްޕީއެލް ސަރަހައްދުން ފެށިގެން މާލޭގެ އެމްޓީސީސީ ފެރީ ޓާމިނަލާ ހަމައަށް ބޭރު މަގުގައި ޓްރެފިކް ތޮއްޖެހި، މީހުން ރުޅިގަދަ ނުވާ ދުވަހެއް މަދުވާނެ އެވެ. ހާއްސަކޮށް މަސް މާރުކޭޓު ސަރަހައްދާއި މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުގައި ވެހިކަލްތައް ކުރިއަށް ނުކަނޑައިގެން އެތައް އިރެއް ވަންދެން ތިބެން ޖެހުމުގެ ބުރަ އުފުލާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކާރޫބާރޫ ބޮޑު ވަގުތުތަކުގައި އެތައް ބަޔަކު "ސްޓްރެސް" ބޮޑުވެ، ރުޅިގަނޑު ފަޅައިގެން ދިއުމަކީ އާންމު ކަމެކެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިިބު ވިދާޅުވި ގޮތުގައި، އެމްޓީސީސީ ފެރީ ޓާމިނަލާ ހިސާބުން ފެށިގެން ރަސްފަންނު ސަރަހައްދާ ހަމައަށް ބޭރު މަގުގައި ތާރު އަޅައި އަދި ހަތަރު ލޭނަށް އެ މަގު ބަދަލުކުރުމަކީ މާލޭގައި ޓްރެފިކްގެ "އުދާސްތަކަށް" ލިބޭނެ އެންމެ ބޮޑު އެއް ލުއި ކަމަށެވެ.
އިއްޔެ ފެށީ މަސް މާރުކޭޓު ސަރަހައްދުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާ ހަމައަށް އެ މަގުގައި ތާރު އަޅައި، އެތެރެ ތޮށި ބޭރަށް ޖައްސައި، ހަތަރު ލޭނަށް ޖާގަ ލިބޭ ގޮތަށް މަގު ފުޅާކުރުމުގެ މަސައްކަތެވެ. އެއީ އެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓެވެ. ދެވަނަ ސެގްމަންޓަކީ މަސްމާރުކޭޓް ސަރަހައްދުން ފެށިގެން އެމްޕީއެލް ސަރަައްދު އަދި މާފަންނުން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމެވެ.