އިންޑިއާގައި އޮންލައިން ޖުވާ މަނާކޮށްފި
މިހާރު
22 އޯގަސްޓު 2025 | ހުކުރު | 3:22
އިންޑިއާގައި އޮންލައިންކޮށް ހިންގާ ޖުވާގެ މުއާމަލާތްތަކުން 450 މިލިއަނަށްވުރެ ގިނަ މީހުންގެ އަތުން 2.3 ބިލިއަން ޑޮލަރު ކޮންމެ އަހަރަކު ކުންފުނިތަކަށް ލިބޭ ކަމަށް ސަރުކާރުގެ ހިސާބުތަކުން ދެއްކުމާ އެކު ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށް އޮންލައިން ޖުވާ މަނާކޮށްފި އެވެ.
މި ބިލާ އެކު އިންޑިއާގެ އަމިއްލަ އަދި އެންމެ މަގުބޫލު ފެންޓަސީ ކްރިކެޓް އެޕްލިކޭޝަންތައް ހިމެނޭ ގޮތަށް ކާޑު ގޭމްތަކާއި ޕޯކާ އަދި ފެންޓަސީ ކުޅިވަރުތަކުގެ ޕްލެޓްފޯމްތައް ވެސް ހުއްޓާލަން ޖެހޭނެ އެވެ.
މީގެ އިތުރުން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މެއިން ސްޕޮންސަރު ކަމަށްވާ އިންޑިއާގެ އެންމެ ބޮޑު ފެންޓަސީ ސްޕޯޓްސް ގޭމިން ޕްލެޓްފޯމް "ޑްރީމް11" އާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ޖުވާގެ އެ އެޕްލިކޭޝަން ހިންގާ ކުންފުނި ވަނީ ޖުލައި 2023 ގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ސްޕޮންސަރަކަށް ތިން އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައި ޓީމުގެ ޖާޒީގައި ލޯގޯ ވެސް ޖަހައިފަ އެވެ.