ކާޑެއްދޫ އެއާޕޯޓް ދޫކޮށްލަން ވިލާއަށް 18 މިލިއަން ޑޮލަރުގެ ބަދަލެއް
މިހާރު
23 އޯގަސްޓު 2025 | ހޮނިހިރު | 12:25
ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދޭން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.
އެކަމަކު، އެ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ހުކުމްކުރި އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. ހުކުމާ އެއްގޮތަށް، އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކުރީ މާޗު 2022ގަ އެވެ.