ގަދަބާރުން ޔާމީން ކާޑެއްދޫ އެއާޕޯޓް އަތުލައި ވެރިކަން ނިމެންދެން ވިލާ ކުންފުންޏަށް އަނިޔާވެރިވި: ގާސިމް
މިހާރު
24 އޯގަސްޓު 2025 | އާދިއްތަ | 12:21
ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ 50 އަހަރަށް ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ދޫކޮށްލަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި އެވެ.
ޔާމީން ފާޑުވިދާޅުވީ، އިކޮނޮމިކް ކައުންސިލުގެ ހުށަހެޅުމަށް އެއްބަސްވެ، އެއާޕޯޓް އަނބުރާ މި ސަރުކާރާ ހަވާލުކުރަން ވިލާ ކުންފުނިން ނިންމުމާ ގުޅިގެންނެވެ. އެއާޕޯޓް އަނބުރާ ހަވާލުކުރަން ބަދަލުގެ ގޮތުގައި ސަރުކާރުން ހުށަހެޅީ 18 މިލިއަން ޑޮލަރު ނުވަތަ ޓެކްސް އިން ލުޔެކެވެ.
އެއާޕޯޓް ސަރުކާރާ ހަވާލުކުރަން ނިންމި ސަބަބު ތަފްސީލްކޮށްދެއްވައި ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ މި ފަހުން ބޭއްވި ޖަލްސާގައި ކާޑެއްދޫ އެއާޕޯޓާ ގުޅުވައި ޔާމީން ވާހަކަ ދެއްކެވީ ކަމުގެ ހަގީގަތް އާންމުންނަށް އޮޅުވާލަން ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ވިލާ ކުންފުންޏާއި ގާސިމަށް ވެސް އަނިޔާވެރިވެ، ގާނޫނީ އިމުން ބޭރުން މުދާ ފޭރިގަތް ކަމަށް ބަޔާނުގައިވެ އެވެ.