އަނެކާގެ އަބުރު ކަތިލުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން: ރަައީސް
މިހާރު
24 އޯގަސްޓު 2025 | އާދިއްތަ | 1:08
މިނިވަންކަމާއި ޒިންމާތަކާ އެކު ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަ ކަމަށާއި އަނެކާގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އުތީމު ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރާ ގައުމީ ދުވަހަކީ ގައުމާ މެދު ހުރިހާ ރައްޔިތުން ވެސް ވިސްނަން ޖެހޭ ދުވަހެއް ކަމަށެވެ. މި ގައުމު ކުރިއަށް ޖީލުތަކަށް އަމާންކަމާއި ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމުގައި ކޮންމެ ފަރުދަކަށް ވެސް އޮތް އަމިއްލަ ޒިންމާއާ މެދު ނަޒަރު ހިންގާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ގައުމީ ދުވަހާ ގުޅިފައި އޮތީ ދިވެހި ވަންތަ ސިފަތަކާއި އެއްބައިވަންތަ ގުޅުންތަކެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައުމު ކުރިއެރުވުމުގައި ދެން ވެސް ކުރިއަށް ނެރެން ޖެހެނީ ގައުމީވަންތަ ކަމެވެ. ސަރުކާރުތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގައި ގައުމުގެ ކުރިއެރުމަށް ކުރަން ހުރި ކަންކަން ކުރެވުނަސް ހަގީގީ ކުރިއެރުމަކީ ގައުމާ މެދު ކޮންމެ މީހަކު އަމިއްލަ އަށް އަދާކުރަން ޖެހިފައި އޮތް ޒިންމާ ފުރިހަމައަށް އަދާކުރުން ކަމަށް ވިދާޅުވި އެވެ.