ފްލިކް ނައިފާއި ބަޓަފްލައި ނައިފް އެތެެރެކުރެވޭނީ ހުއްދަ ލިބިގެން، ބޭނުންކުރެވޭނީ ހުއްދަ ދިން މީހާއަށް އެކަނި!
މިހާރު
26 އޯގަސްޓު 2025 | އަންގާރަ | 10:26
މާރާމާރީތަކުގައި އާންމުކޮށް ބޭނުންކުރާ ފްލިކް ނައިފާއި ބަޓަފްލައި ނައިފް ރާއްޖެއަށް އެތެރެކުރާއިރު ހުއްދަ ހޯދަން ޖެހޭ ގޮތަށް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި މަޖުބޫރުކޮށްފި އެވެ.
ހޯމް މިނިސްޓްރީން ހަދާފައިވާ "ރާއްޖެއަށް ފްލިކް ނައިފް އާއި ބަޓަފްލައި ނައިފް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ގައި ބުނެފައިވާ ގޮތުގައި މިއީ އެ ދެވައްތަރުގެ ވަޅި ރާއްޖެއަށް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުމާއި އެ ވަޅިތައް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ ރިކޯޑާއި އެ ތަކެތީގެ ރިކޯޑު ބެހެއްޓުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެކެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް މިދިޔަ މެއި 25 ގައި ތަސްދީގުކުރެއްވުމަސް ފަހު އިއްޔެ ވަނީ އަމަލުކުރަން ފަށައިފަ އެވެ. އެ ގާނޫނުގައިވާ ގޮތުން، އުމުރުން 18 އަހަރު ނުވާ ކުދިންނަށް ވަޅި ވިއްކުން ވެސް މަނަލެވެ. އެކަން ކޮށްފި މީހަކަށް 100،000ރ. އާ ހަމައަށް ޖޫރިމަނާގެ އަދަބެއް އަންނާނެ އެވެ.