ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބަލައި މުދާ ދައުލަތަށް ނަގާނެ ކަމަށް ފުލުހުން ބުނެފި
މިހާރު
26 އޯގަސްޓު 2025 | އަންގާރަ | 4:56
އިއްޔެ އަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ކުށްކުރާ ގްރޫޕްތަކުގެ މީހުންގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ މީހުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތްކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާ އެކު، އެ ގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ މީހުންގެ މައްޗަށް، މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރާއި އެފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އެ ކުދިންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމުގެ އިންތިޒާމު ހައި ކޯޓު މެދުވެރިކޮށް ހަމަޖެއްސުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.