ކަށި މިޔަރުގެ މަސްވެރިކަމަށް ނޮވެމްބަރު މަހު ހުއްދަ ދެނީ
މިހާރު
26 އޯގަސްޓު 2025 | އަންގާރަ | 10:41
ކަށި މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިޔަރުގެ މަސްވެރިކަން މަނާކުރުމާ ޖެހެންދެން އެންމެ ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިޔަރުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތަކަށް އެކަން ފަހިވެގެންދާނެ ކަމަށެވެ. އެކަމަށް ތައްޔާރުވާން އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
"ފިޝަރީޒް މިނިސްޓްރީ އެންވަރަޔަމަންޓް މިނިސްޓްރީން ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލާ ނިމިއްޖެ. މި ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.