އިންތިހާބުވި ފަހުން ގާނޫނު އިސްލާހުކުރުމުން ހައްގުތަކެއް ގެއްލޭ: ކުޅުދުއްފުށީ މޭޔަރު
މިހާރު
27 އޯގަސްޓު 2025 | ބުދަ | 12:17
ކައުންސިލްތައް އިންތިހާބުވެ ފަހު އަހަރުތެރޭ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުން ހައްގުތަކެއް ގެއްލި ކައުންސިލްތަކަށް ގެއްލުންވާ ކަމަށާއި އެހެންވެ އެކަން އެ ކަންކަން ބަދަލުކޮށްދިނުމަށް އެދޭ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަން ރޭ ބޭއްވި ޖަލްސާގައި މޭޔަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ހިނގަން އެންމެ ރަނގަޅު ނިޒާމް ކަމަށާއި މާލޭގައި ހުންނަ ވުޒާރާއަކުން ރަށްރަށުގައި ހިދުމަތް ދިނުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.
ރައްޔިތުންނަށް އެންމެ އަވަސް، ރަނގަޅު ހިދުމަތެއް ދެވޭނީ މޭޔަރު ވިދާޅުވި ގޮތުގައި ކައުންސިލްތައް މެދުވެރިކޮށެވެ. ނަމަވެސް، މިފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކައުންސިލްތަކުގެ ބާރު ވަރަށް ހަނިވެފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.