ބިލުގެ ސަބަބުން މީޑިއާގެ މިނިވަންކަން އެތައް ދަރަޖައެއް ފަހަތަށް ދާނެ: ނާޒިލް
މިހާރު
27 އޯގަސްޓު 2025 | ބުދަ | 12:17
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު މަޖިލީހަށް ހުށަހެޅި ބިލް އޮތީ މީީޑިއާގެ މިނިވަންކަމުގެ ދަރަޖަ އެތައް ގުނައަކަށް ފަހަތަށް ދާ ގޮތަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނާޒިލް ވިދާޅުވީ ސަރުކާރަށް މި ހިސާބަށް އާދެވުނީ މީޑިއާގެ މިނިވަންކަމުގެ ސަބަބުން ކަމަށެވެ.
އެހެންވެ، މީޑިއާގެ މިނިވަންކަމުގެ ދަރަޖައިން ރާއްޖެ ފަހަތަށްދާ ގޮތަށް އޮތް ބިލަކަށް ސަރުކާރުން ތާއީދުކޮށް ގޯސް ހަދަންވީ ކީއްވެތޯ ނާޒިލް ސުވާލު އުފެއްދެވި އެވެ.