ކުޅުދުއްފުށީ ފްރީޒޯނާ އެކ، ރީއެސްޕޯޓް ވިޔަފާރީގެ ފުރުސަތު އުތުރަށް
މިހާރު
27 އޯގަސްޓު 2025 | ބުދަ | 7:43
އުތުރުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނުމުގެ ބޭނުމުގައި އެ ސަރަހައްދުގެ މައި ބަނދަރު، ހދ. ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީ ޒޯނާ އެކު، ރާއްޖޭގައި ރީއެސްޕޯޓު ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެ ބަނދަރުގައި ޑިއުޓީ ފްރީ ޒޯނާ އެކު އިތުރު ހިދުމަތްތަކެއް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައީދު އިއްޔެ ވިދާޅުވީ، ރީއެސްޕޯޓު ކުރުމަށް ރާއްޖެ އަށް އެތެރެކުރާ އެކި ބާވަތްތަކުގެ މުދާ، ޑިއުޓީ ނުދައްކާ އެ ޒޯނުގައި ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ގާއިމުކުރި އެންމެ ފުރަތަމަ ފްރީޒޯނުގައި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދަލާއި ޑްރައި ގުޑްސް އަދި ބަލްކް ކާގޯ ބެހެއްޓޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން ބަނދަރަށް ގެންނަ ހިސާބުން ވިޔަފާރިތަކަށް ޑިއުޓީ ދައްކަން ނުޖެހި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށެވެ.