އިންސާފަށް ގާނޫނީ ހުރަސްތަކެއް ވެސް އެބަހުރި، އެކަން ހައްލު ކުރެވޭނެ: އުއްތަމަ ފަނޑިޔާރު
މިހާރު
27 އޯގަސްޓު 2025 | ބުދަ | 8:43
ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ގާނޫނީ ހުރަސްތަކެއް ވެސް އެބަހުރި ކަމަށާއި ނަމަވެސް އެ ހުރަސްތައް ގިރާ ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާގެ އިންޓެގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް އިފުތިތާހްކޮށް ދެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ކޯޓުތަކަށް ދިމާވެފައިވަނީ ހަމައެކަނި މާލީ ދަތިތަކާ ގުޅިފައިވާ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި މާލީ ކަންކަމުގެ އިތުރުން ކޯޓުތަކަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކާ ގުޅޭ މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އެއީ ހައްލު ކުރަން އުނދަގޫ މައްސަލަތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަ އެއްވެސް މައްސަލެއް ނެތް. މުޅިން ވެސް މިހާރު ހުރީ ބޮޑެތި މައްސަލަ. މި މައްސަލަތައް ފުރަތަމަ އުފެދުނުއިރު މި ހުރިހާ މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއް ނޫން،" މި މަހުގެ ކުރީކޮޅު މަގާމާ ހަވާލުވެ ވަޑައިގަތް އާ އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.