ސައީދަށް ދައުވާކުރާ މައްސަލައިގައި ހިމެނޭ ވިޔަފާރިއަށް ފެނަކައިން 7 މިލިއަން ދައްކަން ހުކުމްކޮށްފި

މިހާރު

28 އޯގަސްޓު 2025 | ބުރާސްފަތި | 10:18

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ދައުވާކުރާ ކޮރަޕްޝަންގެ މައްސަލައިގައި ހިމެނޭ، އަމިއްލަ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކައިޒާން އިންވެސްޓްމަންޓަށް 30 ދުވަހުގެ ތެރޭގައި ހަތް މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ހަދާފައި ހުރި އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސައީދުގެ އިތުރުން ފެނަކައިގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ މިދިޔަ ޖުލައި މަހު އުފުލައިފަ އެވެ.

ފެނަކައިން ފައިސާ ދައްކަން ކުރި ހުކުމުގައިވާ ގޮތުން ލ. މާމެންދޫ، ބިންބިމާގޭ އިސްމާއިލް ޒާހިދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ، ކައިޒާން އިންވެސްޓްމަންޓާއި ފެނަކައާ ދެމެދު އައިސް ޕްލާންޓް ވިއްކުމަށް ޑިސެމްބަރު 7، 2023 ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާގެ ތެރެއިން 7.2 މިލިއަން ރުފިޔާ އާއި އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި 580،155ރ. އާއި އެ ފައިސާ ހޯދުމަށް މައްސަލަ ޝަރީއަތަށް ހުށަހެޅަން ޖެހުމުގެ ހަރަދުގެ ގޮތުގައި 100،000ރ. އާ އެކު ޖުމްލަ 7.9 މިލިއަން ރުފިޔާ ހޯދަން ކައިޒާންގެ ފަރާތުން ދައުވާގައި އެދިފައިވެ އެވެ.

މައުޟޫޢުތަށް