މީޑިއާ ބިލު އަންނަ މަހުގެ 15ގެ ކުރިން ކޮމިޓީން ނިންމަނީ
މިހާރު
28 އޯގަސްޓު 2025 | ބުރާސްފަތި | 12:28
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލް" ދިރާސާކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތީ ކަންބޮޑުވުން ފާޅުކޮށް، ބިލް އަނބުރާ ގެންދަން ގޮވާލަމުން ދަނިކޮށެވެ. އިއްޔެ ބިލު ފާސްކުރުމަށް ފަހު އެ ބިލާ ގުޅޭ ކޮމިޓީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.