ނިއުގެ ހަތުރުވެރިޔާ އެންމެ ފަހުން އެ ޓީމުގެ މިތުރަކަށް
މިހާރު
28 އޯގަސްޓު 2025 | ބުރާސްފަތި | 2:52
ނިއު ރޭޑިއަންޓުގެ ކޯޗުގެ މަގާމާ އަލީ ސުޒޭން ހަވާލުވެއްޖެޔޭ، މީގެ އަހަރުތަކެއް ކުރިން ފުޓްބޯޅަ ސަޕޯޓަރެއް ކައިރީ ބުނެފި ނަމަ އެ ވާހަކަ ގަބޫލުނުކޮށްފާނެ އެވެ. ސުޒޭނަކީ، ނިއުއާ އެންމެ ވާދަވެރި ޓީމު ކަމަށްވާ ވިކްޓްރީގެ ރަތްލާޖެހި މީހަކަށްވާތީވެ އެވެ. އަދި އޭނާ އަކީ ނިއު އަށް އަމާޒުކޮށް ވިކްޓްރީން އެންމެ ގިނަ ބަހުގެ ހަމަލާތައް ފޮނުވާލި އެކަކަށް ވެސް ވާތީވެ އެވެ.
މިއަދު ދިވެހި ފުޓްބޯޅައިގެ ފޯރިކެނޑިފައި އޮތުމުން، ސުޒޭނުގެ މި ނިންމުން މާބޮޑު ކަމަކަށް ނުވިޔަސް މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހަށް އިތުރުވާނެ މުހިއްމު ސަފުހާއެކެވެ. ސުޒޭނުގެ މި ނިންމުމުގެ ޝައުގުވެރިކަން ބޮޑުވި އަނެއް ސަބަބަކީ، އޭނާ ނިއުއާ މި ހަވާލުވީ، އެ ޓީމަށް އޭނާ ހޯދައިދޭނެ ކޮންމެ ކާމިޔާބެއްގެ އަގު ވެސް ނުހަނު ބޮޑުވާނެ ދަނޑިވަޅެއްގައި ކަމަށްވާތީވެ އެވެ. ނިއު އިން ސުޒޭނާ ހަވާލުކުރީ އަހަރުތަކަށް ފަހު އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ ފުރަތަމަ ސީޒަނަށް ވާނެ ކަމަށް ބެލެވޭތީ، މި ފަހަރު ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ ނިއު އިން ކުރީގެ މަގާމް ހޯދުމަށް ކަޑައްތުކުރާނެ ބޮޑު ރާސްތާއަކަށް ވާނެ އެވެ.
ނިއު އަށް ސޮއިކުރުމަށް ފަހު ސުޒޭން "މިހާރަ"ށް ބުނީ އެ ޓީމާ އޮތް ވާދަވެރިކަމަކީ މިވަގުތު މާޒީ ކަމަށާއި، މިއީ ޕްރޮފެޝަނަލީ ނިންމި ނިންމުމެއް ކަމަށެވެ. އޭނާ ސަބަބެއް ވެސް ދިނެވެ. ފުރަތަމަ ކަމަކީ ނިއު ފަދަ ޓީމަކާ ހަވާލުވެ ކާމިޔާބީ ހޯދައިދެވުމަކީ ސީވީ އަށް ލިބޭނެ ކުރިއެރުމަކަށް ވުމެވެ.