އދ.ގެ އާންމު މަޖިލިހަށް ވަޑައިގަންނަވާ ފަލަސްތީނު އޮފިޝަލުންނަށް ވިސާ ނުދޭން އެމެރިކާއިން ނިންމައިފި
މިހާރު
29 އޯގަސްޓު 2025 | ހުކުރު | 11:15
އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލިހުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އިއުލާނުކުރުމަށް ފްރާންސުން މަސައްކަތްކުރަމުން އަންނައިރު އެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަލަސްތީން ސަރުކާރުގެ އޮފިޝަލުންނަށް ވިސާ ނުދޭން އެމެރިކާއިން ނިންމައިފި އެވެ.
ފަލަސްތީނުގެ ދައުލަތެއް އިއުލާނުކުރުމާ އެމެރިކާއިން ވަރަށް ބޮޑަށް ދެކޮޅުހަދަމުން އަންނައިރު އެމެރިކާގެ މި ހަރުކަށި ނިންމުމަކީ އިޒްރޭލުގެ އަމަލުތަކަށް އެމެރިކާގެ ފުރިހަމަ ތާއީދު އޮތްކަން އިތުރަށް ހާމަވެގެން ދިޔަ ކަމަކަށް ވަނީ ވެފަ އެވެ. އަދި އެމެރިކާގެ މި ނިންމުމަކީ ވަރަށް ޖެހިލުންކުޑަ މުހިންމު ނިންމުމެއް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
"އދ.ގެ އާންމު މަޖިލީހުގެ ކުރިން ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ފަލަސްތީން އޮތޯރިޓީ (ޕީއޭ)ގެ މެމްބަރުންގެ ވިސާ ނުދިނުމަށާއި ދޫކޮށްފައިވާ ވިސާތައް ބާތިލްކުރަން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އަންގަވާފައި،" ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.