ސްޕެޝަލް ކެޓެގަރީ އާއެކު މޯލްޑިވްސް ޖޫނިއާ އޯޕަންގައި 347 ކުޅުންތެރިން
މިހާރު
31 އޯގަސްޓު 2025 | އާދިއްތަ | 10:44
ސްޕެޝަލް އޮލިމްޕިކްސް ކެޓެގަރީ ހިމެނޭހެން، ޖުމްލަ 347 ކުޅުންތެރިންނާ އެކު "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތް މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.
ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް އިސްވެ ހުންނަވައިގެން ދާދި ފަހުން އުފެއްދި ދަ ބެޑްމިންޓަން ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގުޅިގެން ބާއްވާ މި މުބާރާތުގައި 30 އިވެންޓު ހިމެނޭ އިރު، ޖުމްލަ 735 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ހަ ގައުމަކުން ތިރީހަކަށް ބައިނަލްއަގުވާމީ ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، ފިލިޕީންސް އަދި ޗައިނާގެ ކުޅުންތެރިން ހިމެނެ އެވެ.