ބްރޯޑްކާސްޓިން ކޮމިޝަން މީޑިއާ ބިލާ ދެކޮޅު؛ "އެ ތަންފީޒެއް ނުކުރެވޭނެ"
މިހާރު
31 އޯގަސްޓު 2025 | އާދިއްތަ | 12:45
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތީ ތަންފީޒު ކުރެވޭ ގޮތަކަށް ނޫން ކަމަށާއި ރަނގަޅު ދިރާސާއެއް އަދި މަޝްވަރާކުރުމެއް ނެތި ހުށަހަޅާފައިވާ އެ ބިލަށް ތާއިދު ނުކުރާކަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ހާމަކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފާއިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ފަހު ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ބިލާ މެދު ދެކޭ ގޮތް ފުރަތަމަ ފަހަރަށް ހާމަކޮށްފަ އެވެ.