ސިންގަޕޫރާއި ދުބާއީގެ ތަޖުރިބާއިން ދިވެހި އިގުތިސާދު ޑައިވާސިފައި ކުރެވޭނެ މަގެއް؟
މިހާރު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:09
ޕްރޮޕަޓީ ނުވަތަ ގެދޮރާއި މުދާ މިލްކުކުރުމުގެ އޮނިގަނޑަކީ ރިއަލް އެސްޓޭޓު މާކެޓުތަކާއި ބޭރުގެ އިންވެސްޓުމެންޓުތައް ގެނައުމާއި އިގުތިސާދީ ތަރައްގީ އަށް މުހިއްމު އޮނިގަނޑެކެވެ. މިފަދަ އޮނިގަނޑުތަކުގެ ތެރެއިން ބައެއް ގައުމުތަކުން އެ ގައުމުތަކުގެ ތަރައްގީ އަށް ބޭނުންކުރި އެއް ސިޔާސަތަކީ ނުވަތަ އޮނިގަނޑަކީ "ފްރީ ހޯލްޑް" އުސޫލުން ބިމާއި ޕްރޮޕަޓީ މިލްކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ހަރުދަނާ ގާނޫނީ ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓު ބާޒާރުން މަންފާ ހޯދޭނެ އޮނިގަނޑެވެ.
ފްރީ ހޯލްޑް ކަމުގައި ކިޔަނީ އިމާރާތާއި އެ އިމާރާތް ހުންނަ ބިން ދާއިމަށް މިލްކުވުމެވެ. އެއީ ވަކި މުއްދަތެއް ނުވަތަ މުހުލަތެއް ނެތް ގޮތަށެވެ. އޭގެ ސަބަބުން އެ ޕްރޮޕަޓީގެ މިލްކުވެރިކަން އޮންނަ ފަރާތަށް އެ ތަން ކުއްޔަަށް ދިނުމާއި އެހެން ފަރާތަކަށް ވިއްކައިލުމާ ބަދަލުކުރުމުގެ ހައްގު ލިބެ އެވެ. އެހެންކަމުން މިއީ ގިނަ ފަހަރަށް "ލީސް ހޯލްޑް" ނުވަތަ ކަނޑައެޅޭ ވަކި މުއްދަތަކަށް އިންވެސްޓަރެއްގެ އަތުގައި މުދަލެއް އޮންނަ ގޮތަށް ހިންގާ މުދަލުގެ މުއާމަލާތަށް ވުރެ އިންވެސްޓަރުންނަށް ޝައުގުވެރި، ފައިދާ ބޮޑު ނިޒާމެކެވެ.
މި ފަހުގެ ތާރީހުގައި އެންމެ ކާމިޔާބުކަމާ އެކު، ފްރީހޯލްޑް އުސޫލެއް ތަންފީޒުކޮށް، އެ އުސޫލުގެ މަންފާ ލިބުނު ދެ ގައުމުގެ ގޮތުގައި ސިންގަޕޫރާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި އެމިރޭޓްސްގެ ދުބާއީ އަށް ވާނެ އެވެ. ކާމިޔާބުކަމާ އެކު، ފްރީ ހޯލްޑް ޕޮލިސީ ތަންފީޒު ކުރެވުމުގެ ސަބަބުން އެ ސިޔާސަތު ވެފައި ވަނީ އެ ދެ ގައުމުގެ އިގުތިސާދު ފުޅާވެ، ބޭރުން އިންވެސްޓުމެންޓު ގެނައުމަށް މަގުކޮށައިދީ، އިސްތިރާޖީ ގޮތެއްގައި ގައުމުގެ އިގުތިސާދު ތަރައްގީ ކުރުމަށް މަގުކޮށައިދިން ސިޔާސަތެއް ކަމުގައެވެ.