ހިދުމަތްތައް ދިނުމަށް ކުރަންޖެހޭ ހޭދަ މައްޗަށް
މިހާރު
1 ސެޕްޓެމްބަރު 2025 | ހޯމަ | 3:29
ކަރަންޓާއި ފެނުގެ ހިދުމަތާއި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފިޔަވައި ރާއްޖޭގައި ދޭ ގިނަ ހިދުމަތްތައް ދިނުމަށް ކުންފުނިތަކުން ކުރަންޖެހޭ ހަރަދު ނުވަތަ ހިދުމަތް ދިނުމުގެ އަގު މިދިޔަ ތިން މަހު ވެސް މައްޗަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ކަަރަންޓާއި ފެން އަދި ކުނި މެނޭޖްކުރުން ހިމެނޭހެން ޔޫޓިލިޓީ ހިދުމަތް ދިނުމުގެ އަގު މިދިޔަ ތިން މަސް ދުވަހު، މަހުން މަހަށް ނުއުފުލުނަސް އެ ހިދުމަތް ދިނުމުގެ އަގު ވެސް އަހަރުން އަހަރަށް ދަނީ އުފުލެމުންނެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް (ޕީޕީއައި) ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓާގައި ތިން ހިދުމަތް ވެސް ހިމެނޭހެން، ޔޫޓިލިޓީ ހިދުމަތް ދޭން ކުރަން ޖެހޭ ހަރަދު، ޖުމްލަކޮށް 0.99 ޕަަސެންޓް ދަށަށް ދިޔަ އެވެ. ކަރަންޓަށް ވަކިން ބަލާއިރު އެ ހިދުމަތްދޭން ކުރަން ޖެހުނު ހަރަދު 1.34 ޕަސެންޓުން ދަށަށް ދިޔަ އެވެ. ނަމަވެސް ވަކިން ބަލާއިރު ފެނުގެ ހިދުމަތް ދިނުމުގެ އަގު ދިޔައީ މައްޗަށެވެ. އެއީ 0.26 ޕަސެންޓަށެވެ.