މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަށް އެޗްއާރުސީއެމުން ދެކޮޅު
މިހާރު
1 ސެޕްޓެމްބަރު 2025 | ހޯމަ | 4:46
ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު ވެސް އަމަލު ކުރަމުން އަންނަ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ އިސްލާހުތައް އެ ގާނޫނުތަކަށް ގެނައުމާ އެކު، އެއީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަށް އެޗްއާރުސީއެމުން އެދިއްޖެ އެވެ.
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ބިލަށް ގެންނަން ފެންނަ އިސްލާހުތައް އެޗްއާރުސީއެމުން ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެޗްއާރުސީއެމުން ބުނީ ޑިމޮކްރަސީ އޮންނަ ގައުމުތަކުގައި ވެސް ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ހިންގަމުން އަންނަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑެއްގެ ދަށުން ކަމަށާއި އެއް ކޮމިޝަނަކުން އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން އެ ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ އެ ގައުމުތަކުގައި އަމަލުކުރާ އުސޫލު ނޫން ކަމަށެވެ.