ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް ފަށަނީ
މިހާރު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 1:13
ޓްރީޓޮޕް ހޮސްޕިޓަލުން ހިލޭ ލޯ ސްކްރީން ކޮށްދޭ "ކެޓަރެކްޓް ކެމްޕެއިން" މި މަހު ހަތް ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފި އެވެ.
އެ ކެމްޕެއިންގެ ދަށުން އުމުރުން 45 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުން ލޮލުގެ ޑޮކްޓަރަކަށް ހިލޭ ދައްކައި އަދި ލޯ ސްކްރީން ކުރެވޭނެ އެވެ. އެއީ ދިވެހިންނާއި ބިދޭސީންނާއި ޓޫރިސްޓުންނަށް ވެސް ހިލޭ ލޯ ސްކްރީން ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
އަންނަ އާދިއްތަ ދުވަހު ފަށާ މި ކެމްޕެއިން ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2 އިން ހަވީރު 5 ޖަހަންދެނެވެ. މި ކެމްޕޭނުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ކެމްޕެއިނަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް "ވޯކްއިން" އެޕޮއިންޓްމަންޓް ޖާގަ އޮތް މިންވަރަކުން ފުރުސަތު ދޭނެ އެވެ.