އަންނަ ހަފުތާގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަނީ
މިހާރު
3 ސެޕްޓެމްބަރު 2025 | ބުދަ | 12:31
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބ. ކަމަދުއަށް ކުރަން ހަމަޖައްސާފައިވާ ސީޕްލޭން ދަތުރުތައް އަންނަ ހަފުތާގެ ބުރާސްފަތިދުވަހު ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން މި ދަތުރުތަކާ ބެހޭ ގޮތުން ކޮށްފައިވާ އިޝްތިހާރެއްގައިވާ ގޮތުން އެ އެއާލައިނުން ކަމަދުއަށް ސީޕްލޭން ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއެއްގެ ވެސް ބުރާސްފަތި ދުވަހު އެވެ. ދަތުރުތައް ފަށާއިރު ހާއްސަ ފެއާއެއްގެ ގޮތުގައި މާލޭން ކަމަދުއަށް އެއްކޮޅު ޓިކެޓެެއް ވިއްކާނީ 1،199ރ. އަށެވެ.
ކަމަދުއަށް ސީޕްލޭން ދަތުރުތައް މޯލްޑިވިއަން އިން ކުރަނީ ދަ ހޯކްސް ހޮޓެލްއާ އެކު މިދިޔަ މަހުގެ 11 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ ރަށްތަކަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.