އަސާސީ މުދަލުގެ އަގު މައްޗަށް، މޭވާގެ އަގު 10 ޕަސެންޓް ބޮޑު
މިހާރު
3 ސެޕްޓެމްބަރު 2025 | ބުދަ | 8:22
ކޮންމެހެން ބޭނުންވާ، އަސާސީ މުދަލުގެ އަގުތައް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.
އެ އިދާރާއިން މިއަދު އާއްމުކުރި އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ އަގުތަކާ އަޅާބަލާއިރު މިހާރު ހުރީ ގާތްގަނޑަކަށް ދެ ޕަސެންޓް (1.96 ޕަސެންޓް) އުފުލިފަ އެވެ. އީސީޕީ ގައިވާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އަގު މިދިޔަ މަހާ އަޅާބަލާއިރު 1.62 ޕަސެންޓު މައްޗެވެ.
އައިސީޕީގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މޭވާ އާއި ތެލާއި ފެޓްގެ ބާވަތްތަކުންނެވެ. މޭވާގެ އަގު 10.20 ޕަސެންޓް އުފުލުނު އިރު ތެލާއި ފެޓްގެ ބާވަތްތަކުން 5.38 ޕަސެންޓުން އުފުލިފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އިދާރާގެ ސާވޭއިން ދައްކަ އެވެ.